Maldives Meteorological Service
Thu, 24 March

ދުނިޔޭގެ މޫސުމާ ބެހޭ ދުވަސް ( 23 މާރިޗް 2016) ރާއްޖޭގައި ފާހަގަ ކުރުން

ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާގެ ޢަމަލީ މަސައްކަތްތައް ފެށުނީ 23 މާރިޗް 1950 ގައެވެ. މީގެ ފަހުން ކޮންމެ އަހަރަކު މާރިޗް މަހުގެ 23 ވަނަދުވަސް މި ޖަމިއްޔާގެ ހުރިހާ މެމްބަރު (188 ޤައުމު) ޤައުމަކުން ފާހަގަކުރަމުން ދަނީ ދުނިޔޭގެ މޫސުމާ ބެހޭ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރަކަށްވެސް ކަނޑައެޅޭ ވަކި ޝިޔާރެއްގެ ދަށުންނެވެ. 2016 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޝިޔާރަކީ " Hotter, Drier, Wetter : Face the Future " އެވެ. މި ޝިޔާރުން އަންގައިދެނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިޔައްއޮތްތާގައި މޫސުމީ ކާރިސާތައް އިތުރުވެ އެކަމުގެ ނޭދެވޭ އަސަރު ދުނިޔޭގެ މި ނާޒުކު ތިމާވެއްޓަށް ކުރާނެ މިންވަރު އިތުރުވާނެ ކަމެވެ. އެހެން ކަމުން މޫސުމަށް އަންނަ މި ބަދަލުތައް ކުޑަކުރުމަށް އެޅެންހުރި ފިޔަވަޅުތައް ދެނެގަނެ އެކަން ތައް ތަކަށް ޢަމަލީ ސިފަ ގެންނަން މިވަނީ މަޖުބޫރުވެފައެވެ.

ރާއްޖޭގައި ދުނިޔޭގެ މޫސުމާބެހޭ ދުވަސް ފާހަގަ ކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން އިސްނަގައިގެން 3 މާރިޗް 2016 ވަނަ ދުވަހުން ފެށިގެން ކުރިޔައް ގެންދެވުނެވެ. އެގޮތުން މާލޭގެ 11 ސްކޫލަކަށް މޫސުމާބެހޭ ޚާއްސަ ސެޝަން ތަކެއް އެ ސްކޫލުގެ އެސެމްބަލީ ގަޑީގައި ނަގައިދިނުމުގެ ކަންތައް ކުރިޔައް ގެންދެވުނެވެ. މީގެއިތުރުން މޯލްޑިވް މީޓިއޮރޮލޮޖިކަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިސް ޑިޕާޓްމެންޓް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ ގުޅިގެން ކ.ދިއްފުށީގައި ޤުދުރަތީ ކާރިސާ ތަކަށް އެރަށު ރައްޔިތުންނާއި ސްކޫލް ކުދިން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް މިމަހު 18 ވަނަދުވަހުގެ ރޭ ކުރިޔަށް ގެންދެވުނެވެ. އަދި ދުނިޔޭގެ މޫސުމާއިބެހޭދުވަހު ( 23 މާރިޗް ) ހަވީރު 17:00  ން 18:15 އަށް ރަސްފަންނު ސަރަޙައްދުގައި "މޫސުމީ ހަވީރު" ގެ ނަމުގައި ޢާއްމުންނަށް އާއިލާއާއި އެކު އުފާވެރި މާޙައުލެއްގައި ބައިވެރިވެވޭ ގޮތައް މޫސުމާއި ޤުދުރަތީ ކާރިސާ ތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޙަރަކާތް ތަކެއް ކުރިޔައް ގެންދެވުނެވެ. މި ހަވީރުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް އިން އެބޭފުޅުންގެ ސްޓޯލްތައް ބަހަށްޓައި ޤުދުރަތީ ކާރިސާތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ ޙަރަކާތްތަކާއި ބައެއް ކުޅިވަރުގެ ހަރަކާތްތައްވެސް ކުރިޔަށް ގެންދެވުނެވެ. މީގެ އިތުރުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ނެރޭ އެލާޓް ތަކާ ބެހޭ ކުދި ޑްރާމާކްލިޕް ކޮޅު ތައް ވެސް މިހަރަކާތް ތަކުގެ ތެރެއިން ގެނެސްދެވުނެވެ. މި އީ މިފަހަކަށް އައިސް ދުނިޔޭގެ މޫސުމާއިބެހޭދުވަސް ރާއްޖޭގައި ފާހަކުރުމުގެގޮތުން ޤުދުރަތީ ކާރިސާތަކަށް ޢާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެންމެ ގިނަ ހަރަކާތްތައް ކުރިޔައް ގެންދެވުނު އަހަރެވެ.

24 މާރިޗް 2016