ދުނިޔޭގެ މޫސުމާބެހޭ ދުވަސް - 23 މާރިޗު 2018

23 މާރިޗްގައި ދުނިޔޭގެ
މޫސުމާބެހޭ ދުވަސް ފާހަގަ ކުރަނީ އެދުވަހަކީ ދުނިޔޭގެ މޫސުމާބެހޭ މުޢާހަދާއަށް
ޢަމަލުކުރަން ފެށުނު ދުވަސް ކަމުގައި ވާތީއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު
މާރިޗް މަހުގެ 23 ވަނަދުވަސް - އެ ޖަމްޢިއްޔާގެ 191 މެންބަރު ޤައުމުން ފާހަގަކުރަމުން ދަނީ
ދުނިޔޭގެ މޫސުމާ ބެހޭ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން 2018
ވަނަ އަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ “
Weather-ready, climate-smart “ އެވެ. މި ޝިޢާރުން
އަންގައިދެނީ ކުރުމުއްދަތުގައާއި ދިގުމުއްދަތުގައި މޫސުމަށް އަންނަ ބަދަލު ތަކުން
ލިބޭ ގެއްލުން ކުޑަކުރުމަށް ހުރިހާއެންމެންވެސް ހުށިޔާރުވެ ތައްޔާރަށް ތިބުމަށެވެ.
މޫސުމާބެހޭ ޚިދުމަތްތައް:
މޫސުމާއި ސުނާމީ އަދި ބިންހެލުމާ ބެހޭ ކަންތައްތައް
ބަލާ ދިރާސާކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތަކާއި
މިކަންކަމާ ގުޅިގެން ނެރެންޖެހޭ އިންޒާރުގެ މެސެޖްތައްނެރެ ކަމާބެހޭ ފަރާތްތަކާ
ހިއްސާކުރުމުގެ މަސައްކަތްތައް ވޭތުވެ ދިޔަ އަހަރުވެސް މިއޮފީހުގައި ކުރެވުނެވެ.
އެގޮތުން ދުވަހުންދުވަހަށް މޫސުމަށް އަންނަ ބަދަލުތަކާއި މޫސުން ކުރިއަށް
ލަފާކުރެވޭގޮތް މީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން ޢާންމުރައްޔިތުންނަށް
ފޯރުކޮށްދެވުނެވެ. މޫސުން ގޯސްވެގެން ނެރޭ އެލާޓް ވައިޓްގެ 231 މެސެޖާއި އެޑްވައިޒަރީ
ލެވެލް ޔެލޯ ގެ 44 މެސެޖް ނެރެވުނެވެ. މުޅިރާއްޖެއަށް ބަލާލާއިރު ވޭތުވެދިޔަ
އަހަރު ފިނިހޫނުމިން އެންމެ މައްޗަށް ދިޔައީ 33.9 ޑިގްރީ ސެލްސިއަސް އަދި އެންމެ
ދަށަށް ދިޔައީ 20.2 ޑިގްރީ ސެލްސިއަސް އަށެވެ. ވައި އެންމެ ގަދަވީ ގަޑިއަކު 57
މޭލު ބާރުމިނަށް އަދި 24 ގަޑިއިރަކަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ
189 މިލިމީޓަރުގެ ވާރޭއެވެ. ވޭތުވެ ދިޔަ އަހަރު ރެކްޓަރ މިންގަނޑުން 7 ނުވަތަ
އެއަށްވުރެ ބާރުގަދަ ބިންހެލުމެއް އިންޑިއާކަނޑުގެ ރާއްޖެހިމެނޭ ސަރަޙައްދަށް
އައިސްފައެއް ނުވެއެވެ.
ވޭތުވެ ދިޔަ އަހަރު ރާއްޖޭގެ އެކިހިސާބުތަކުގެ 29 ސްކޫލަކުން
ޖުމުލަ 5905 ދަރިވަރުން، މޫސުމާބެހޭ މަޢުލޫމާތު ލިބިގަތުމަށް މެޓްއޮފީސްތަކަށް
ޒިޔާރަތްކުރިއެވެ.
މޫސުމާބެހޭ މަސައްކަތަށް ލިބުނުކުރިއެރުން:
ވޭތުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި މިއޮފީހުގެ
މަސައްކަތްތައް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ޓަކައި ސަރުކާރުން
ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން މިދާއިރާ އާއި
މުވައްޒަފުންގެ ކުރިއެރުމަށް މޫސުމާބެހޭ ދާއިރާގެ ފަންނީ އޮނިގަނޑު ވަނީ ނޮވެމްބަރު
2014 ގައި އެކުލަވާލަދެއްވާފައެވެ.
ވައިގެ ދަތުރުފަތުރުތަކުގެ ސަލާމަތާ ރައްކާތެރިކަން
ކަށަވަރު ކުރުމަށްޓަކައި ވައިގެ ދަތުރު ފަތުރު ތަކަށް ދެމުން ގެންދާ މޫސުމާއި ބެހޭ
މައުލޫމާތު ފޯރުކޮށްދިނުން 2016 ވަނަ އަހަރު ISO ފެންވަރަށް
ގެނެސް 2017 ވަނައަހަރު ISO 9001:2015 ގެ ސެޓިފިކެޓް ޙާސިލުކުރެވުނެވެ.
އަދި ދުނިޔޭގެ މޫސުމާބެހޭ ޖަމްޢިއްޔާއިން ކަނޑައެޅި "ކޮލިފިކޭޝަން
ސްޓޭންޑަރޑް" މިއޮފީހުގައި ޤާއިމުކުރުމަށް ތަމްރީނު ކުރެވުނު މުވައްޒަފުން ކަމާގުޅޭ
ތަމްރީނު ނިންމާ މިހާރު ވަނީ މަސައްކަތާއި ގުޅިފައެވެ. އެހެންކަމުން މިދާއިރާއިން
ޚާއްސަކޮށް ވައިގެ އުދުހުންތަކަށް ފޯރުކޮށްދޭ މޫސުމާބެހޭ ޚިދުމަތްތައް ބައިނަލް
އަގުވާމީ ފެންވަރުގައި ދިނުމުގެ ޤާބިލްކަން ވަނީ އިތުރުކުރެވިފައެވެ. ރާއްޖޭގައި އޮތް
12 ވައިގެ ބަނދަރުގައި ބެހެއްޓުމަށް ބޭނުންވާ އެއަރޕޯރޓް ވެދަރ އިންފޮރމޭޝަން
ސިސްޓަމްތައް ގާތްގަޑަކަށް ހުރިހާ އެއާޕޯޓުތަކުގައި ހަރުކުރެވި މިހާރުދަނީ ބޭނުންކުރަމުންނެވެ.
ދުރާލާ އިންޒާރުދޭ ނިޒާމްގެ ދަށުން ރާއްޖޭގެ މޫސުން
ގޯސް ވަމުންދާ މިންވަރު ދެނެގަތުމަށް ޤާއިމުކުރެވުނު ޑޮޕްލަރ ވެދަ ރޭޑަރ
މަރާމާތުކުނުކުރެވި ގިނަދުވަސްތަކަކަށްފަހު މިދިޔަ 2 އަހަރުތެރޭގައި ދައުލަތުން
ބޮޑުހޭދައެއްކުރައްވައިގެން މިހާރު އެރާޑަރު ވަނީ ބޭނުންކުރަން ފެށިފައެވެ.