އަޅުގަނޑުމެން

ދިވެހިރާއްޖޭގައި މޫސުމާއި ބެހޭ ޚިދުމަތްތައް ފެށިގެން އައިސްފައިވަނީ 1940 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މަދު އާލާތްތަކަކާއެކު ފެށިގެން އައި މިޚިދުމަތުގައި އެއިރު ބޭނުން ކުރަމުން އައީ ތަމޯމީޓަރަކާއި، ރެއިންގޭޖަކާއި އަދި އެނެމޯމީޓަރެކެވެ. އޮބްޒަރވޭޝަންތައް ތައްޔާރު ކުރަމުން ގެންގޮސްފައިވަނީވެސް މަދު ވަގުތުތަކެއްގައެވެ. އަދި ޚިދުމަތްތައް ފޯރުކޮށްދެވިފައިވަނީ ވެސް މަދު ފަރާތްތަކަކަށެވެ. 1974 ގައި ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ މޫސުމާއި ބެހޭ ޚިދުމަތްތައް ދޭން ފެށުމުން ދުވާލަކު ދެއިރު ސިނޮޕްޓިކް ވެދާރިޕޯޓް ތައްޔާރުކޮށް، ހެނދުނު 05:00އިން ރޭގަނޑު 08:00އަށް މެޓަރ ރިޕޯރޓް ތައްޔާރުކުރުމުގެ އިތުރުން ދުވާލަކު އެއްފަހަރު އަޕަރ އެއަރ އޮބްޒަރވޭޝަން ރިޕޯރޓްވެސް ތައްޔާރުކޮށް ދުނިޔޭގެ ޓެލކޮމިއުނިކޭޝަން ސިސްޓަމް މެދުވެރިކޮށް ސަރަައްދުގެ ޤައުމުތަކަށް ފޮނުވަމުން ގެންދެވުނެވެ. 2004 ވަނައަހަރު ގެ ސުނާމީ ކާރިސާއަށްފަހު ބިންހެލުމާއި ސުނާމީ އާބެހޭ ކަންތަތައްތައް ބެލެހެއްޓުމުގެ ކަންތައް މިއޮފީހުގެ މަސައްކަތެއްގޮތުގައި ކަނޑައެޅުނެވެ. ސަރުކާރުގެ ތަފާތު މިނިސްޓްރީގެ ދަށުގައި "ޑިޕާޓްމެންޓްއޮފް މީޓިއޮރޮލޮޖީ" ގެ ނަމުގައި މިއިދާރާ އޮތޮމަށްފަހު، 2009ވަނަ އަހަރު މިއިދާރާގެ ނަން މިވަނީ "މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް" ގެ ނަމަށް ބަދަލު ކުރެވިފައެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގެ ދަށުން ދިވެހިރާއްޖޭގެ 5 ސަރަޙައްދެއްގައި މޫސުމާއި ބެހޭ އޮފީސްތައް ޤާއިމް ކުރެވިފައި ވެއެވެ. ހުޅުލޭގައި ހުންނަ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރަކީ ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އޮފީސްތަކުގެ މައި އޮފީހެވެ. އެހެންކަމުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ މޫސުމާއިބެހޭ 4 އޮފީހުން ތައްޔާރު ކުރާ އޭވީއޭޝަނާއި ސިނަޕްޓިކް އޮބްޒަރވޭޝަން ރިޕޯރޓްތައް ފެކްސް ނުވަތަ އީމެއިލްގެ ޒަރީޢާއިން މޫސުމާއިބެހޭ މައި އޮފީހަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ފޮނުވަމުން ގެންދެއެވެ. މޫސުމާއިބެހޭ 5 އޮފީހުގެ ޚިދުމަތްވެސް މިހާރު 24 ގަޑިއިރު ފޯރުކޮށްދެމުންދާއިރު މޫސުމާބެހޭ އިތުރުމަޢުލޫމާތު އެކިސަރަޙަދުން ވަގުތުންވަގުތައް ބެލުމަށް 38 އޮޓަމެޓިކް ވެދަރ ސްޓޭޝަނާއި 3 ޓައިޑް ގޭޖް މިވަނީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ޤާއިމް ކުރެވިފައެވެ. މީގެއިތުރުން ބިންހެލުން ދެނެގަތުމަށް ރާއްޖޭގައި 2 ސީސްމޮމީޓަރު ހަރުކުރެވި ދުނިޔޭގެ ސީސްމޮމީޓަރުގެ ވިއުގައާއިވަނީ ގުޅާލެވިފައެވެ.

މެޓްއޮފީހުން ފޯރުކޮށްދޭ ޢާންމު ޚިދުމަތްތަކާބެހޭ ޗާޓަރ ބައްލަވާލައްވާ.  

ތާރީޚުގެ ތެރެއިން
އިތުރަށް ވިދާޅުވުމަށް

މޯލްޑިވްސް މީޓީއޮރޮލޮޖިކަލް ސަރވިސް

04.19°N 073.53°E

 

ދުނިޔޭގެ މޫސުމާއި ބެހޭ ޖަމްޢިއްޔާގެ މެންބަރަކަށްް ދިވެހިރާއްޖެއިން ބައިވެރިވީ 1 ޖޫން 1980 ގައެވެ. މިޖަމްޢިއްޔާގެ އިޖުރާތުތަކުގެ ދަށުން ހުޅުލޭގައި ހުންނަ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރ އަކީ ދިވެހިރާއްޖޭގެ މޫސުމާއިބެހޭ އޮފީސް ނެޓްވޯކްގެ މައި އޮފީސް ކަމުގައި ހަމަޖެހިގެން ދިޔައެވެ. 1 އޮގަސްޓް 1980ގައި ޑިޕާރޓްމަންޓް އޮފް މިޓިއޮރޮލޮޖީ ވުޖޫދަށް އައުމާއެކީގައި މިއޮފީހުގެ ޚިދުމަތް ހަފުތާއަކު 7 ދުވަހު ދުވާލަކު 24 ގަޑިއިރަށް ދޭން ފެށުނެވެ. މޫސުމާއި ބެހޭ އޮފީހުން ކޮންމެދުވަހަކު ތައްޔާރު ކުރަމުންދާ  ރިޕޯރޓްތަކުގެ ތެރޭގައި،  ޑެއިލީ ވެދަރ ފޯކާސްޓް، މެރިން ފޯކާސްޓް އަދި އޭވިއޭޝަން ފޯކާސްޓް ހިމެނެއެވެ. މީގެ އިތުރުން މޫސުން ގޯސްވެގެންދާ ޙާލަތްތަކުގައި އެކި ދަރަޖަ ތަކުގެ އެލަރޓްތައް ނެރެމުން ދެއެވެ. އިންޑިޔާ ކަނޑުގެ ސަރަޙައްދަށް އަންނަ ބިންހެލުމާއި ސުނާމީގެ މަޢުލޫމާތު އެއްކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މިއޮފީހުގެ މައިގަނޑު އެއް މަސްޢޫލިއްޔަތު ކަމަށް ވުމުން، ހަނިމާދޫ އަދި ކާޑެއްދޫ މޫސުމާއި ބެހޭ އޮފީހުގައި ބިންހެލުން ދެނެގަތުމަށް ބޭނުންވާ ސީސްމޮމީޓަރު ހަރުކޮށް ދުނިޔޭގެ ބިންހެލުން ބަލާ ވިއުގައާއި ގުޅާލެވި މި މަޢުލޫމާތު ވަގުތުންވަގުތައް ބެލޭނެ އިންތިޒާމު ހުޅުލޭ އޮބްޒަރވޭޓަރީގައި ވަނީ ޤާއިމް ކުރެވިފައެވެ. އަދި ޔުނިވާސިޓީއޮފް ހަވާއީ ސީލެވެލް ސެންޓަރާއި ގުޅިގެން ދިޔަވަރު މޮނީޓަރ ކުރުމަށް، ރާއްޖެގެ 3 ސަރަޙައްދެގައި ޓައިޑް ގޭޖް ހަރުކުރެވިފައި ވެއެވެ.

ހދ.ހަނިމާދޫ މީޓިއޮރޮލޮޖިކަލް އޮފީސް

06.75°N 073.17°E

 

ހދ.ހަނިމާދޫ މީޓިއޮރޮލޮޖިކަލް އޮފީސް ހުޅުވުނީ 1990 އޮކްޓޫބަރު 27ގައެވެ. ޚިދުމަތްތައް ފެށިގެން އައިއިރު، އޭވިއޭޝަން ރިޕޯޓާއި ސިނަޕްޓިކް ރިޕޯރޓްތައް ތައްޔާރު ކުރަމުން އައީ ކޮންމެ ދުވަހަކު ހެނދުނު 08:00އިން ހަވީރު 05:00އާއި ދެމެދުގައެވެ. އެހެންނަމަވެސް 2007، އޮކްޓޫބަރު މަހުން ފެށިގެން އޮބްޒަރވޭޝަން ހަދާ ގަޑިތައް އިތުރުކުރެވުނެވެ. މިގޮތުން ކޮންމެ ދުވަހަކު ފަތިހު 05:00އިން ރޭގަނޑު 09:00އާއި ދެމެދު ރިޕޯރޓްތައް ތައްޔާރު ކުރަމުން ގޮސަްފައި ވެއެވެ. އަދި 2007 ނޮވެމްބަރު 01ވަނަ ދުވަހުން ފެށިގެން 24ގަޑިއިރު އޮބްޒަވޭޝަންތައް ތައްޔާރު ކުރަން ފެށުނެވެ. މީގެއިތިރުން ދިޔަވަރު ބެލުމަށް  ޓައިޑްގޭޖެއްވެސް ހަނިމާދޫގައި  ހަރުކުރެވިފައި ވެއެވެ. އަދި މިސަރަޙައްދަށް އަންނަ ބިންހެލުން ދެނެގަތުމަށް ސީސްމޮމީޓަރެއް ހަރުކޮށް މީގެންލިބޭ މަޢުލޫމާތު ވަނީ ދުނިޔޭގެ ސީސްމިކް ނެޓްވާކްއާއި ގުޅާލެވިފައެވެ.

ލ.ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީސް

01.86°N 072.10°E

 

1986ވަނަ އަހަރު ޑިސެންބަރު 09ވަނަ ދުވަހު ލ.ކައްދޫ އެއާރޕޯރޓުގައި ހުޅުވުނު ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީހުގެ ޚިދުމަތްތައް ފެށިގެންއައިއިރު  އޭވިއޭޝަން ރިޕޯޓާއި ސިނަޕްޓިކް ރިޕޯރޓްތައް ތައްޔާރު ކުރަމުން އައީ ކޮންމެ ދުވަހަކު ހެނދުނު 08:00އިން ހަވީރު 05:00އާއި ދެމެދުގައެވެ. އެއިގެ ފަހުން ކޮންމެ ދުވަހަކު ފަތިހު 05:00އިން ރޭގަނޑު 09:00އާއި ދެމެދު ރިޕޯރޓްތައް ތައްޔާރު ކުރަމުން ގޮސްފައި ވެއެވެ. އަދި 2007 ނޮވެމްބަރު 01ވަނަ ދުވަހުން ފެށިގެން 24ގަޑިއިރު އޮބްޒަވޭޝަންތައް ތައްޔާރު ކުރާ ސްޓޭޝަނަކަށް ބަދަލު ވެގެން ދިޔައެވެ.

 

ގދ.ކާޑެއދޫ މީޓިއޮރޮލޮޖިކަލް އޮފީސް

00.49°N 072.10°E

 

1993ވަނަ އަހަރު ޑިސެންބަރު 11ވަނަ ދުވަހު ގދ.ކާޑެއދޫ އެއާރޕޯރޓުގައި ހުޅުވުނު ކާޑެއްދޫ މީޓިއޮރޮލޮޖިކަލް އޮފީހުގެ ޚިދުމަތްތައް ފެށިގެންއައިއިރު، އޭވިއޭޝަން ރިޕޯޓާއި ސިނަޕްޓިކް ރިޕޯރޓްތައް ތައްޔާރު ކުރަމުން އައީ ކޮންމެ ދުވަހަކު ހެނދުނު 08:00އިން ހަވީރު 05:00އާއި ދެމެދުގައެވެ.އަދި 2008 މެއި 01ވަނަ ދުވަހުން ފެށިގެން 24ގަޑިއިރު އޮބްޒަވޭޝަންތައް ތައްޔާރު ކުރަން ފެށުނެވެ. އަދި މިސަރަޙައްދަށް އަންނަ ބިންހެލުން ދެނެގަތުމަށް ސީސްމޮމީޓަރެއް ހަރުކޮށް މީގެންލިބޭ މަޢުލޫމާތު ވަނީ ދުނިޔޭގެ ސީސްމިކް ނެޓްވާކްއާއި ގުޅާލެވިފައެވެ.

ސ.ގަން މީޓިއޮރޮލޮޖިކަލް އޮފީސް

00.69°S 073.15°E

 

1975 ވަނަ އަހަރު އިގިރޭސިން ގަމުން ފެއިބުމާއި ގުޅިގެން ގަމުގެ މީޓިއޮރޮލޮޖިކަލް އޮފީސް، އެއަރޕޯރޓް އޮފީހުގެ ބެލުމުގެ ދަށަށް ގެނެވުނެވެ. އެއަށްފަހު ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީ އުފެދުމާއި ގުޅިގެން މިޑިޕާރޓްމަންޓްގެ ބެލުމުގެ ދަށަށް ގެނެވުނެވެ. އެއިރު އޭވިއޭޝަން ރިޕޯޓާއި ސިނަޕްޓިކް ރިޕޯރޓްތައް ތައްޔާރު ކުރަމުން އައީ ކޮންމެ ދުވަހަކު ހެނދުނު 08:00އިން ހަވީރު 05:00އާއި ދެމެދުގައެވެ. އެހެންނަމަވެސް 1985 މާރިޗު 23ން ފެށިގެން  24ގަޑިއިރު އޮބްޒަވޭޝަންތައް ތައްޔާރު ކުރަން ފެށުނެވެ. މީގެއިތިރުން ދިޔަވަރު ބެލުމަށް  ޓައިޑްގޭޖެއްވެސް ސ.ގަމުގެ ހާބަރުގައި ހަރުކުރެވިފައި ވެއެވެ. އަދި މިސަރަޙައްދަށް އަންނަ ބިންހެލުން ދެނެގަތުމަށް ސީސްމޮމީޓަރެއް ހަރުކޮށް މީގެންލިބޭ މަޢުލޫމާތު ވަނީ ދުނިޔޭގެ ސީސްމިކް ނެޓްވާކްއާއި ގުޅާލެވިފައެވެ. އެހެންކަމުން ދުނިޔޭގެ ކޮންމެ ހިސާބަކަށް އަންނަ ބިންހެލުމާބެހޭ މަޢޫލޫމާތު ވަގުތުން ވަގުތައް ލިބޭނެ އިންތިޒާމު ރާއްޖޭގައި ވަނީ ޤާއިމުކުރެވިފައެވެ.

އަމާޒު

·        ޤުދުރަތީ ކާރިސާ ތަކުން ރައްކާތެރިވެ ތިބުމަށްދެވޭ އިރުޝާދުތަކާއި އިންޒާރުގެ މެސްޖުތައް ވަގުތުން ވަގުތައް ފޯރުކޮށް ދިނުން.

·        ކަމަށް ޤާބިލު ޕުރޮފެޝަނަލުންނާއި އެކު ރާއްޖޭގެ މޫސުމާބެހޭ ވިއުގަ ފުޅާކުރުމާއި ދުނިޔޭގެ އެންމެ ރަނގަޅު މޫސުމީ ވިއުގަތަކުގެ ފެންވަރުގައި ދެމެހެއްޓުން.

·        ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ، މޫސުމާބެހޭ މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

·        ރާއްޖެއަށް ބޭނުންވާ މޫސުމާބެހޭ ޚިދުމަތްތަކާއި އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، ދާއިރާއާއިގުޅޭ ސަރަޙައްދީ އަދި ބައިނަލް އަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކާއި އެކުއެކީ މަސައްކަތްކުރުން.

ތަސައްވުރު

ދިވެހިރާއްޖޭގައި، މޫސުމީ ސައްޙަ މައުލޫމާތު އިތުބާރާއިއެކު ދުރާލައި ފޯރުކޮށްދީގެން ފުރާނައާއި މުދަލަށް ލިބިދާނެ ގެއްލުމާއި އިގުތިސާދީ އިޖުތިމާއީ ދެމެހެއްޓެނިވި ކުރިއެރުމަށް ކޮށްފާނެ ނޭދެވޭ  އަސަރު ވީހާވެސް ކުޑަކުރުން