ދުނިޔޭގެ މޫސުމާ ބެހޭ ދުވަސް 23 މާރިޗު 2021

އާދީއްތަ, 21 މާރިޗު 2021

ދުނިޔޭގެ މޫސުމާއިބެހޭ ޖަމިއްޔާގެ ޢަމަލީ މަސައްކަތްތައް ފެށުނީ 23 މާރިޗް 1950 ގައެވެ. މިޖަމިއްޔާގެ މެމްބަރަކަށް ރާއްޖެ ވެފައިވަނީ 1 ޖޫން 1978 ގައެވެ. ކޮންމެ އަހަރަކު މާރިޗް މަހުގެ 23 ވަނަ ދުވަސް މި ޖަމިއްޔާގެ މެންބަރު 192 ޤައުމުގައި ފާހަގަކުރަމުން ދަނީ ދުނިޔޭގެ މޫސުމާއިބެހޭ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރަކަށްވެސް ކަނޑައެޅޭ ވަކި ޝިޔާރެއްގެ ދަށުންނެވެ. 2021 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޝިޔާރަކީ "ކަނޑާއި އަހަރެމެންގެ މޫސުން" އެވެ. ކަނޑަކީ މޫސުމާއި ވަރަށްބޮޑަށް ގުޅިލާމެހިފައިވާ ޤުދުރަތީ ނިޒާމެކެވެ. ދުނިޔޭގެ ސަތަހައިގެ %70 އަކީ ކަނޑުގެ ސަރަހައްދެވެ. ވީމާ، މިޝިޔާރުން ދައްކައިދެނީ، ކަނޑުތަކާއި މޫސުމާއި ހުރި ގުޅުމުގެ ބޮޑުކަމާއި މުހިއްމުކަމެވެ. ދުވަހުން ދުވަހަށާއި ދިގުމުއްދަތުގެ މޫސުމަށް އަންނަ ބަދަލުތަކުގައި ކަނޑުގެ އޮއިވަރާއި ހޫނުމިނާއި ލޮނުގަނޑުގެ އުސްމިނަށް އަންނަމުންދާ ބަދަލުތައް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. އަދި ހަމަ އެހެންމެ، އެކުވެރި ދައުލަތްތަކުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގައި ކަނޑުތަކުގެ ސައިންސްގެ މުހިއްމުކަން ފާހަގަކުރާ ދިހަ އަހަރު ކަމުގައިވާ 2021-2030 ގެ ފެށުމާވެސް މިޝިޔާރުވަނީ ގުޅުވާފައެވެ.

ކޮވިޑް-19ގެ ސަބަބުން ދިމާވި ގޮންޖެހުންތަކާއި އެކުގައިވެސް، މި މުވައްސަސާގައި މޫސުމާއި ސުނާމީއާއި ބިންހެލުމާއި ބެހޭ އެންމެހާ ކަންތައްތައް ބަލާ ދިރާސާކުރުމާއި ޢާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތަކާއި މިފަދަ ކަންކަމާ ގުޅިގެން ނެރެންޖެހޭ އިންޒާރުގެ މެސެޖްތައް ނެރެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ވޭތުވެދިޔަ އަހަރުގައިވެސް ކުރެވުނެވެ. އެގޮތުން ދުވަހުން ދުވަހަށް މޫސުމަށް އަންނަ ބަދަލުތަކާއި މޫސުން ކުރިއަށް ލަފާކުރާގޮތް މީސް މީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން ޢާންމުރައްޔިތުންނަށް ފޯރުކޮށްދެވުނެވެ. ވައިގެ ދަތުރު ފަތުރު ތަކަށް ދެމުން ގެންދާ މޫސުމާއިބެހޭ މައުލޫމާތު ދުނިޔޭގެ ވައިގެ ދަތުރު ފަތުރުތަކާއި ބެހޭ ޖަމްއިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑުގައި ދަމަހައްޓައި ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިއޮފީހުގައި ޤާއިމުކޮށްފައިވާ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ( ISO 9001:2015 ) ސެޓްފިކެޓް އާކުރެވުނެވެ. މޫސުމަށް އަންނަ ބަދަލުތައް ވަގުތުން ވަގުތައް ބެލުމަށް ބޭނުންކުރާ ވިއުގަ ރަނގަޅު ފެންވަރުގައި ދެމެހެއްޓުމުގެ ގޮތުން ވެސް ގިނަމަސައްކަތްތަކެއް ކުރެވުނެވެ. އަދި ރާއްޖޭގެ ސަރަޙައްދަށް ޚާއްސަކުރެވިގެން، ކަނޑުމަތީގެ މޫސުން ނިމުތު (ފޯކާސްޓް) ކުރުމަށް ބޭނުންކުރާނެ "އޯޝަން ވެދަރ މޮޑެލް" އެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދެއެވެ. "މޫސުން" މޮބައިލްފޯނު އެޕްލިކޭޝަން އިތުރަށް ތަރައްޤީކުރުމާއިއެކު، ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މޫސުމާއިބެހޭ އިންޒާރު ނެރުމަށް ބޭނުންކުރާ "ކޮމަން އެލާޓް ޕުރޮޓޮކޯލް" މިއޮފީހުގައި ޓެސްޓް ކުރުމާއި މުޅިން އައު ވެބްސައިޓެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރެވުނެވެ. އަދި ސީޒަނަލް ވެދާ ފޯކާސްޓް ނުވަތަ ދިގުމުއްދަތަށް މޫސުން ލަފާކުރުމުގެ މަސައްކަތްވެސް މިވަނީ ފަށައިގަނެވިފައެވެ. މި މަސައްކަތްތަކުގެ ސަބަބުން މެޓްއޮފީހުގައި މޫސުން ދެނެގަތުމުގެ ޤާބިލިއްޔަތުކަން އިތުރުވެ ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމާއިބެހޭ މަޢުލޫމާތުގެ ފެންވަރު ރަނގަޅުވެ އިތުރަށް ހަރުދަނާވެގެން ދާނެއެވެ.